English Edition
Dhivehi Edition

ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް، ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ ހަވީރު ކަނޑޫދޫގެ ދަނޑުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތައް ރައީސް އާއި ހިއްސާކުރުމުންނެވެ.މި ގޮތުން ދަނޑުވެރިންވަނީ ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލް އިން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލިނަމަވެސް އޭގެ ފައިދާއެއް ދަނޑުވެރިންނަށް ނުކުރާކަމަށާއި، އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށްކަން ފާހަގަކޮށްފައެވެ. އަދި، ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމައަގުލިބޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކޮށްދެއްވުމަށްވެސް ރައީސް އަރިހުގައި ދަންނަވާފައެވެ.

ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ޢާލާތްތަކާއި ސާމާނު އަދި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދަނޑުވެރިންގެ ފަރާތުން ހުށަހަޅާފައިވާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަން ވެސް ދަނޑުވެރިންވަނީ ފާހަގަކޮށްފައެވެ، އަދި އެމީހުން ފަސޭހަގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒް ކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވެސް ރައީސް އަރިހުގައި ދަނޑުވެރިން ވަނީ އެދިފައެވެ.

ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުޞަތު އޮތްކަމަށާއި، އެކަމަށް ޑިމާންޑް ވެސް އެބައޮތްކަމަށެވެ. މި ގޮތުން ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކފާނު ވަނީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށާ، ދެން ދަނޑުވެރިން ހުށަހަޅައިފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.