English Edition
Dhivehi Edition
އެގްރޯނެޓްގެ ފަރާތުން މީދޫގެ ދަނޑުވެރިއަކާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދެނީ

ދަނޑުވެރި މަންފާ” ގެ ނަމުގައި ދަނޑުވެރިންނަށް ހިލޭ އެހީ އަދި ލޯނުދޭ ސްކީމެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އިފްތިތާޙްކޮށްފިއެވެ.

އަންގާރަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިފުތިތާހުކޮށް ދެއްވި މި ސްކީމަކީ އެ ވުޒާރާ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއައްދާ ސްކީމެކެވެ. މި ސްކީމް ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެގްރިކަލްޗަރ މިނިސްޓަރު ޑރ އާއިޝަތު ރަމީލާ އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސްކީމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މި ސްކީމް ކުރިއަށް ގެންދަނީ މެޕްގެ ހަރަކާތްތައް ކުރިއަށްގެންދާ ހއ. ހދ. އަދި ށ. އަތޮޅުގެ ތެރެއިން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕްރޭޓިވް ސޮސައިޓީތަކަށެވެ.

މި ގްރާންޓްގެ އެހީ އެކި ފިޔަވަހިތަކަށް ބެހިފައިވާއިރު، ފުރަތަމަ ފިޔަވަހި ހުޅުވާލެވިފައިވަނީ ހަމައެކަނި ޕްރޮޑަކްޝަންއަށެވެ. އެއީ ގްރީން ހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމުކޮށްގެން ދަނޑުވެރިކަން ކުރުމެވެ. އަދި މި ސްކީމްގެ ކުރިއަށް ހުރި ބުރުތަކުގައި ދަނޑުވެރިކަމުގެ ކަންތައްތަކާއި ގުޅުން ހުންނަ ޕެކޭޖިންގ ލޮޖިސްޓިކްސް އިންޕުޓް ސަޕްލައި ކޯލްޑް ސްޓޯރޭޖްތައް ގާއިމް ކުރުމަށް ހުޅުވާ ލެވޭނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ

މި ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީން ހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަންބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ދިނުން ހިމެނެއެވެ. މިކަމުގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެ ގޮތުގެ ޝައުގުވެރިކަން ދަނޑުވެރިންގެ ކިބައިގައި އުފައްދައި އެކަމަށް އަހުލުވެރިކުރުވުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ސްކީމްއަށް އެދުމުގެ ފުރުސަތު ޖޫން މަހުގެ 24 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް، އެޕްލިކޭޝަން ހުށަހެޅުމަށް ދީފައި ވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަށް ވެފައި، ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމައަށް ތައްޔާރު ކުރުމަށް ބައިވެރިންނަށް ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށް އެވުޒާރާއިން ހާމަކުރެއެވެ. ދަނޑުވެރި މަންފާ ސްކީމްގެ ދަށުން އެހީ ދޭއިރު އަންހެނުންނާއި ޒުވާނުންނަށް އިސްކަންދޭނެ އެވެ.