ސ.މީދޫ ދަނޑުބިންތަކުގެ ކުލިބޮޑުކުރުމުން އެކަމާދެކޮޅަށް އެރަށުގެ ހުރިހާ ދަނޑުވެރިން ނުކުމެ ޕެޓިޝަނެއް ހުށަހަޅަން ތައްޔާރު ވެއްޖެއެވެ.
ކައުންސިލަށް ހުށަހަޅާ ޕެޓިޝަނުގައި ދަނޑުވެރިން ބުނެފައި ވަނީ، ދަނޑުވެރިކަމުގެ ހާލަތު ދިރާސާކޮށް ބެލުމެއްނެތި އަދި އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ދަނޑުވެރިންނާއި މަޝްވަރާ ކުރުމެއްވެސްނެތި ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުސޫލުގެ ނަމުގައި 2023 ނޮވެންބަރު 1 ވަނަ ދުވަހު އާންމުކުރި އުސޫލާއި، އަދި 2024 މެއި 14 ވަނަ ދުވަހު އެއުސޫލަށް ގެނައި 1 ވަނަ އިސްލާހާއި މެދު މީދޫގެ ހުރިހާ ދަނޑުވެރިން އިންތިހާ އަށް ކަންބޮޑުވާކަމަށެވެ.
ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލުގައިވާގޮތަށް،، ޢާއްމު ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގެ ބޮޑު މިނަކީ 3000 އަކަފޫޓު ކަމަށް ކަނޑައަޅައި، އަކަފޫޓަކަށް މަހަކު 15 ލާރި ނެގުމަށާއި، ބީލަމުގެ އުޞޫލުން ދޫކުރާ ބިންތަކުގެ ކުއްޔަކީ އަކަފޫޓަަކަށް މަހަކު 10ލާރި ކަމަށް ކަނޑައަޅާފައި ވަނީ އައްޑޫގެ ދަނޑުވެރި ކަމުގެހާލަތަށް ބަލާފައި ނޫން ކަމަށާއި ދަނޑުވެރިންނާއި މަޝްވަރާ ކުރުމެއް ނެތިކަންވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައި ވެއެވެ.
ދަނޑުވެރިކަމަކީ، މިހާތަނަށް ރާއްޖޭގައި ނަފާވާ ޞިނާޢަތެއްގެ ގޮތުގައި، ކުރިއެރުވިފައިވާ ކަމަކަށް ނުވާތީ، ދަނޑުވެރިކަން ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ފާއިތުވި ހުރިހާ ސަރުކާރަކުންވެސް އަދި ކައުންސިލްތަކުންވެސް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކުގެ ކުއްޔަކީ، އަކަ ފޫޓަކަށް 3 ލާރި ކަމަށް ކަނޑައަޅާފައި ވެއެވެ. މިއީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީ ކުރިއެރުވުމަށާއި، ދަނޑުވެރިކަމަކީ ނަފާވާ ސިނާއަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ކަނޑައަޅުއްވާފައިވާ ރޭޓެކެވެ. އެހެންކަމުން، ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި، އަކަ ފޫޓަކަށް 15 ލާރި ނެގުމަށް ނިންމުމަކީ، ކުރިން މި ބަޔާންކުރި ރޭޓުގެ ފަސްގުނަ އިތުރުވުމަކަށް ވާތީ މިނިންމުން މުރާޖަޢާކޮށް، އަކަފޫޓަކަށް ކުރިން އޮތް 3 ލާރީގެ ރޭޓް އިޢާދަކޮށްދެއްވުމަށް މި ޕެޓިޝަނުގައި އެދިފައި ވެއެވެ.
ސ.މީދޫ ދަނޑުވެރިން ޤަބޫލުކުރާ ގޮތުގައި އެކަށީގެންވާ ހެޔޮ އަގެއް ނެގުމާއެކު، ދަނޑުވެރިކަމަކީ ފައިދާހުރި ސިނާއަތަކަށް ބަދަލުކުރުމަށް މަސައްކަތްކުރުމަކީ އެކަމުން ލިބޭ މަންފާ ބޮޑުވެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރެވި، އަދި މުޅި ރައްޔިތުންނާއި ޤައުމަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމެކެވެ.
މީދޫގެ އާބާދީގެ ބޮޑު ބައެއް ޙިއްސާކުރާ އެރަށު ދަނޑުވެރިންގެ އާދޭހަކީ އެދަނޑުވެރިންކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެމަސައްކަތުން މުޅި މުޖުތަމަޢުއަށް ފައިދާކުރާނޭފަދަ ހައްލުތަކެއް ހޯދުމަށްޓަކައި އައްޑޫގެ ދަނޑުވެރިންނާއި ވާހަކަ ދައްކައި މަޝްވަރާ ކުރެވޭނެ މާޙައުލެއް ގާއިމްކޮށްދިނުމެވެ. އައްޑޫ ސިޓީގައި ދަނޑުވެރިކަމުގެ އުފެއްދުންވެސް އިތުރުކޮށް، ދަނޑުވެރިކަމަކީ ނަފާވެރި ސިނާއަތަކަށް ހެދުމަށް ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމުގައި މީދޫގެ ހުރިހާ ދަނޑުވެރިން ދެމިތިބޭނޭ ކަމުގެ ޔަޤީންކަން އެފަރާއްތަކުން ވަނީ ދެއްވާފައެވެ. ދަނޑުވެރިންގެ އުއްމީދަކީ މީދޫގެ އެތައް ޢާއިލާއެއްގެ އާމްދަނީއާއި ގުޅިފައިވާ މި ނާޒުކު މައްސަލަ އަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވައި ދަނޑުވެރިންގެ މި މަސައްކަތް މެދުނުކެނޑި ކުރެވޭނެ ގޮތް މަގުފަހިކޮށްދެއްވުމެވެ.