ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ސިއްރުން އެންގޭޖްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ފެތުރުނު ހަބަރާއެކު ގިނަ ބަޔަކަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
މި ދެތަރިންނަށް ސަޕޯޓްކުރާ ފަރާތްތަކުން އެމީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ސޯޝަލް މީޑިއާ އަށް އޮއްސާލިއިރު ގިނަ ބަޔަކަށް ގަބޫލުކުރެވިގެން ދިޔައީ ކެޓްރީނާ އާއި ވިކީ އެންގޭޖްވެފައިވާކަމަށެވެ. މިކަމަށް އިތުރު ބާރެއް ލިބިގެން ދިޔައީ މިދިޔަ ހަފްތާގައި ބޭއްވި އިވެންޓަކުން ދެ ތަރިން އެއްކޮށް ފެނިގެން ދިޔަ ވީޑިއޯ އާއި ފޮޓޯތަކެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މި ދެ ތަރިންނަށް މަރުހަބާވެސް ކިޔާފައިވާއިރު މި ހަބަރު ކެޓްރީނާގެ ޓީމުން ވަނީ ދޮގުކޮށްފައެވެ. މިކަމާއި ގުޅިގެން މި ދެ ތަރިން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު ކެޓްރީނާގެ ޓީމުން ވަނީ އެ ދެމީހުން އެންގޭޖްވެފައި ނުވާކަން ޔަގީންކޮށްދީފައެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދައްކަމުން އަންނަ ވާހަކަތަކަށް ދެ ތަރިންގެ ފަރާތުންވެސް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާއިރު އެންމެ ފުރަތަމަ މީޑިއާގައި މި ވާހަކަތައް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދައްކާފައިވަނީ އެކްޓަރު އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރްއެވެ. ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ވިކީ އާއި ކެޓްރީނާ ރައްޓެހިވެގެން އުޅޭކަމާ މެދު އޭނާ އެއްވެސް ޝައްކެއް ނުކުރާ ކަމަށް ބުނެފައެވެ،
ކެޓްރީނާވެސް އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ވަގުތު ދެމުން އަންނައިރު ވިކީވެސް މި ދުވަސްކޮޅު ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ އޭނާގެ މަސައްކަތްތަކަށެވެ.