އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިއަދު އަލީ އިހްސާނު ނެރުއްވި ބަޔާނެއްގައި އެމްއެންޕީ އާއި ގުޅިވަޑައިގަތުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން ވިދާޅުވީ އެ ޕާޓީއާއި ގުޅިވަޑައިގަތުމަށް ގަސްދުކުރެއްވީ އެ ޕާޓީގައި ޒުވާނުންނަށް ފުރުސަތު އޮތުމުން ކަމަށެވެ. އަދި އެ ޕާޓީގެ ޗާޓަރުގައި ގައުމާ މެދު ދެކޭ ތަސައްވުރާއި އިހުސާންގެ ވިސްނުމާއި ދިމާވާތީކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ،
އިތުރަށް އިހްސާން ވިދާޅުވީ އެޕާޓީއަކީ ތައުލީމީ ޒުވާނުންނަށް ތަނަވަސް ފުރުސަތު އޮތް ޕާޓީކަމަށް ގަބޫލުކުރައްވާކަމަށެވެ.
“މިއަދުން ފެށިގެން ރަސްމީކޮށް ސިޔާސީ މައިދާނަށް ނުކުމެ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ފުރަތަމަ ފަހަރަށްވެ، ގައުމުގެ ހައްޤުގައި އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރުމަށް މާތްﷲ ގެ ވާގިފުޅާއެކު އެކަލާނގެ ހަޟްރަތުން މަދަދަށް އެދޭ ހާލު މޯލްޑިވްސް ނޭޝަނަލް ޕާޓީ ގެ މެމްބަރަކަށް ވުމަށް ނިންމައިފީމެވެ” އިހްސާންގެ ބަޔާނުގައި ވިދާޅުވިއެވެ.