ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް (ޑީޖޭޖޭ)ގެ އައު ލޯގޯ އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަކީ އޭގެ ޒާތުގައި ކުށްކުރާ ބައެއް ނޫން ކަމަށެވެ. އެހެންނަމަވެސް މުޖްތަމައުގެ ތެރޭ ކަންކަން އޮންނަ ގޮތުން ކުދިން ކުށްތަކަށް ހުށަހެޅި އޭގެއިން ސަލާމަތް ނުވެ ކުށްވެރިންނަށް ވެގެންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. ރާއްޖޭގެ ކުށުގެ ވެށީގެ އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުިއްޒުގެ ތަސައްވުރެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ރައީސްގެ މިއުއްމީދު އަދި ވައުދުފުޅު ކާމިޔާބުކޮށް ޑެލިވަރ ކުރުމަށް ޑީޖޭޖޭގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުޑަކުދިން އަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ ޑީޖޭޖޭއާ ހަވާލުކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. މިހާތަނަށް އެޑިޕާޓްމަންޓުގެ މަސައްކަތް ކުރެވެެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ގާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯއްދައި ދިނުންކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރަން މިޑިޕާޓްމަންޓަށް ބޭނުން ހުރިހާ ވަސީލަތެއް އަދި އިންސާނީ ވަސީލަތެއް އަދި ފޯރުކޮށް ނުދެވޭ. އަޅުގަނޑުމެންގެ އަމާޒަކީ މި ދައުރުތެރޭ މި ޑިޕާޓްމަންޓަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުން. އެކަމަށްޓަކައި ރާއްޖޭގެ ދިމަ ދިމާލުގައި ގާއިމްކުރަން ޖެހޭ ޖުވެނައިލް ޖަސްޓިސްގެ ޔުނިޓްތަކާއި، އޭގެ އިތުރުން ތިބޭފުޅުންގެ މަސައްކަތަށް ބޭނުންވާ ފެސިލިޓީސްތައް ތައްޔާރުކޮށްފައި، މިޑިޕާޓްމަންޓާއި ހަވާލުކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދީގެން ކުރާ އެއްކަންތައް.” މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ހިދުމަތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ. އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ،