ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ، ފާހެއްނުވިއެވެ.
އިހްސާންގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވައި، ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތެވެ،
މީގެ އިތުރުން ފުލުހުން ކުރާ ތަހްގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމުގެ ތުހުމަތުކޮށްފައިވާއިރު ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައިވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރިޔާސަތުން ހުށަހެޅުމުން، ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން ފިޔަވައި 63 މެންބަރުން ވޯޓު ދެއްވީ އިހުސާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށެވެ.