English Edition
Dhivehi Edition
އަލީ އިހްސާން ފޮޓޯ: މިނިސްޓްރީ

ސެންޓްރަލް ޖަލު ގާއިމުކުރެވުމާއެކު ގައިދީއަކަށް މަހަކު ހޭދަކުރެވޭ އަދަދު 17،000 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

“ދިވެހި ސަގާފީ ގޯތި” ހުޅުވުމަށް މިއަދު ހެނދުނު ކ.މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިހްސާން ވިދާޅުވީ ޖަލު ހިންގުމަކީ ވަރަށް ހަރަދު ބޮޑު ކަމެއްކަމަށެވެ. މިހާރު ޖަލު ހިންގާ ނިޒާމުގެ ތެރެއިން މަހެއްގެ މައްޗަށް ކޮންމެ ގައިދީއަކަށް ގާތްގަނޑަކަށް 27،000 ރުފިޔާ ހަރަދުވާކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ މިކަމަށް ދިރާސާކޮށް، ރާއްޖޭގައި އެއް ސެންޓްރަލް ޖަލު ގާއިމް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގެ ތެރެއިން، ސެންޓްރަލް ޖަލެއް ގާއިމް ކުރުމަށް ކަނޑައެޅިފައިވާކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އެތަން ހެދި 3 އަހަރު ތެރޭގައި ހިދުމަތަށް ގެނައުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން އިހްސާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖަލު އޮފިސަރުންނަށް ލިބެންޖެހޭ އެންމެ ރަނގަޅު ބޯހިޔާވަހިކަމާއި، ވެލްފެއާގެ އެހެނިހެން ކަންކަން ހަމަޖައްސަވާނެ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ ސެންޓްރަލް ޖަލު ގާއިމްކޮށް އޮޕަރޭޝަނަށް ގެނެވޭ ހިސާބުން ބޮލަކަށް ޖެހޭ އަދަދު 17،000 ރުފިޔާއަށް ކުޑަވެގެންދާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.