ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ނުނިމެނީސް, ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ ރޭވި މީހުން ނުހޯދޭތީ ރާއްޖެ ވަޑައިނުގަންނަވަން އާއިލާއިން ވެސް އެދެމުންދާތީ ރައީސް ނަޝީދު ވަނީ ޗުއްޓީ އިތުރުކޮށްދޭން މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެވެ.
އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ވަނީ އިއްވާފައެވެ. އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ސިޓީއަކީ ސަރުކާރުގެ އިދާރާއާ ނުރުހިގެން އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށެވެ. ނަމަވެސް މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިހުލާސްތެރިކަމާއެކު ދަންނަވާ ދެންނެވުމެއް ކަމަށެވެ.
މިގޮތުން ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް ނަޝީދުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށް ސިޓީގައިވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި ރާއްޖެއިން ބޭރުގައި ހުރެވޭނެ ގޮތަށް ކަންކަން މަގުފަހިކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.