ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސް މަޝްރޫއާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރަސްމާލޭގެ ތަރައްގީގެ މި ބޮޑު މަޝްރޫއާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިއީ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށެވެ.
އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، އަލައްބާރާއި ޔަހޫދީންނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަލައްބާރަކީ ޔޫއޭއީ ބިނާކުރުމުގައި އެންމެ އިސް ހިއްސާދާރުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އޭނާގެ އިސްރާއީލު ރަހުމަތްތެރިން ތިބި ނަމަވެސް އޭނާއަކީ ޔަހޫދީން ކުރިއަރުވަން މަސައްކަތްކުރާ މީހެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އެހާ ހަނި ނަޒަރަކުން ވިސްނައިފިނަމަ ޕާޓީއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓުމެންޓެވެ. އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރަސްމާލޭގެ “އާބަން އޭރިއާ”ގައި ވޯޓާ ފްރަންޓު މެރީނާއަކާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުތައް ތަރައްގީކުރާނެއެވެ. މީގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތަކާއި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސް ސެންޓަރުތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. ހަމައެއާއެކު، މި މަޝްރޫއާއެކު ގާތްގަނޑަކަށް 54،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އީގަލް ހިލްސްއިން ބުނެއެވެ. އަދި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން މި ސަރަހައްދަށް ޒިޔާރަތްކޮށް، ޓޫރިޒަމްގެ އާމްދަނީގެ ގޮތުގައި އެކަނި ވެސް އަހަރަކު 2 ބިލިއަން ޑޮލަރު މި ސަރަހައްދުން ނެރެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.