މި ސަރުކާރަކީ “އަމާޒު ވިއްސިވިހާލި” ސަރުކާރެއް ގޮތުގައި އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ސިފަކުރައްވައިފިއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ގެ މެމްބަރު އިންތި މިހެން ވިދާޅުވީ އެ ޕާޓީ ދެ ބައިވެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ މެދުގައި ހިޔާލު ތަފާތުވެ ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
މި ގޮތުން މަޖިލީހަށް ސަރުކާރުން ހުށަހެޅި ނަފްރަތުގެ ބިލު އެންމެ ފުރަތަމަ ހުށަހެޅި ގޮތަށް ފާސްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެކޮޅު ހައްދަވާފައިވާއިރު ރައީސް ނަޝީދު ވަނީ އެ ބިލު ފާސްނުކޮށް މަޖިލީސް ޗުއްޓީއަށް ދިއުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
މުސްލިމަކަށް ކާފަރަކަށް ނުވަތަ މުރުތައްދެއްކަމަށް ގޮވުމުގެ ނަތީޖާއެއްގެ ގޮތުން،އެ މީހަކު މަރާތީ، އެގޮތަށް ގޮވުން ހުއްޓުވުމަށް ސަރުކާރުން އަމިއްލައަށް ބިލެއް ހުށަހެޅުމަށްފަހު، އަނެއްކާ އަލުން އެގޮތަށް ގޮވުމުގެ ފުރުސަތު ދިނުމަށް ދީއްލައިލުމަކީ "އަމާޒު ވިއްސިިވިހާލި،އަމާޒު ލާހޫރޭ"
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) August 12, 2021
މިކަމާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނޭ އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމަކަށް ކާފަރަކަށް ގޮވުމުގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ފެތުރި، މަރަމުންދާ ކަމަށެވެ.އަދި އެ ކަން ހުއްޓުވުމުގެ ގޮތުން ސަރުކާރުން އަމިއްލައަށް އެ ކަން މަނާ ކުރަން ވެގެން ބިލެއް ހުށަހެޅުމަށް ފަހު، މިހާރު އަނެއްކާ ވެސް އެހެން ގޮވަން ފުރުސަތު ދިނުމަށް ދީއްލައިލުމަކީ “އަމާޒު ވިއްސިވިހާލި، އަމާޒު ލާހޫރޭ” ސަރުކާރަކަށް ވުން ކަމަށް އިންތި ވަނީ ސިފަކުރައްވާފައެވެ.