English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރަކީ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއްކަމަށް ބުނެ، ޑިމޮކްރެޓްސްއިން އެ ގަރާރު ބޭރުކޮށްލުމަށް ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާފައިވަނީ ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފު ރިޔާސަތުގައި ހުންނަވައިގެންނެވެ. އެމްޑީޕީން ހުށަހެޅި ގަރާރަށް ބަހުސް ކުރަމުން ޑިމޮކްރެޓްސްގެ މެންބަރުން ބުނެފައިވަނީ އެގަރާރަކީ އެއްވެސް ގޮތަކަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުންނަން ޖެހޭ އޮނިގަނޑަށް ފެތިފައިވާ ގަރާރެއް ނޫން ކަމަށެވެ.

މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އެމްޑީޕީން ހުށަހެޅި ގަރާރުގައި އެއްވެސް ކަހަލަ އޮނިގަނޑެއް ނެތްކަމަށެވެ. އެފަދަ ގަރާރެއް މަޖިލީހުގެ ތަޅުމަށް ވެސް އައިސްގެން ނުވާނެކަން ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ އެ ގަރާރު ބަލައި ނުގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 169 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް ހުށަހަޅާ ހުށަހެޅުންތަކާ ގަރާރުތައް ހުންނަން ޖެހޭ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 9 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް މަޖިލީހުގެ ގަވައިދަށް ބަލަން ޖެހޭ ކަމަށް ސާފުކޮށް ހުކުމް ކޮށްފައިވާ ކަމަށެވެ.