English Edition
Dhivehi Edition
ކުރީގެ ރައީސް ނަޝީދު --ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގެ ހާރިޖީ ސިޔާސަތާ ހިލާފަށް، ބޭރު ގައުމުތަކާ އޮންނަ ގުޅުންތައް ހީނަރުވާ ގޮތަށް ވާހަކަ ނުދެއްކުމަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ނުސީދާ ރައްދެއް ދީފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، ބައިނަލްއަގުވާމީ ގުޅުންތަކުގެ މިންގަނޑުތަކާ ހިލާފަށް ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ގައުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. އެހެންކަމުން، އެފަދަ ބޭފުޅުން ގައުމުތަކާ އޮންނަ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުގެ މި ބަޔާން އައިސްފައިވަނީ، އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި “10 ވަނަ އިންޑިއަން އޯޝަން ޑައިލޮގް” ގައި ބައިވެރިވެވަޑައިގެން ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގެ ތެރެއިން ނަޝީދު ވަނީ އިންޑިއާ އިން ރާއްޖެއަށް ނަގާފައިވާ ދަރަންޏާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ޗާގޯސް މައްސަލާގައި ރާއްޖެއާ ގުޅުން ކަނޑާލާފައިވާ މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، މަޝްވަރާ މެދުވެރިކޮށް މައްސަލަ ހައްލުކުރުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަވަށްޓެރި ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަރުކާރުގެ “މޯލްޑިވްސް ފަސްޓް” ސިޔާސަތަކީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް ކަމަށެވެ.