ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމުތަކުން އައިއެމްއެފްގެ ޕްރޮގްރާމްތަކުގައި ބައިވެރިނުވެ ވެސް އިގްތިސާދީ ގޮތުން ދިމާވާ ހީނަރުކަމުން އަރައިގަނެވިދާނެކަމަށް ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާ އޭގެ ސަބަބުން އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާއިރު ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ވެސް އެ ވާހަކަތައް ދަނީ ފެތުރެމުންނެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “މި ގައުމަކީ ސީވީއެފްގައި ހިމެނޭ ގައުމަކަށްވާއިރު، ސީވީއެފް ގައުމުތަކަށް ސީވީއެފް ވީ20 ސެކްރެޓޭރިއަޓުން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް. ކާބަން ޓްރޭޑިން އަދި ‘ޑެޓް-ފޯ-ކްލައިމެޓް އެންޑް އެންވަޔަރަމެންޓް’ ސްވަޕް މެދުވެރިކޮށް ދަރަނި ކުޑަކުރެވޭނެ ގޮތްތައް ހޯދައިދީ، ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެ ކަމަށް,” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން، ދަރިން ސަލާމަތްވުމަށްޓަކައި އައިއެމްއެފްގެ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިވާން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި.
ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް 48 ގައުމު ގުޅިގެން އުފައްދާފައިވާ ފޯރަމެއްކަމަށެވެ. މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުމާއި ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމަށް މަސައްކަތް ކުރުންކަމަށެވެ.
ރާއްޖެއަށް މާލީ މައްސަލަތަކެއް ދިމާވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ރާއްޖެއިން ބައިވެރިވާން ނިންމާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން އެކަމާ ގުޅިގެން އިއްޔެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ، ސަރުކާރުން ގެންނަން މަސައްކަތް ކުރާ ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރުން، ކުރިން ރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިން އަންދާޒާ ކުރި ވަރަށްވުރެ ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދާދިފަހުން، އައިއެމްއެފްގެ ވަފުދެއް ރާއްޖެ އައިސްފައިވާއިރު މި ސަރުކާރުގެ އިގްތިސާދީ ފިޔަވަޅުތަކަށް އައިއެމްއެފް އިން މަރުހަބާ ކިޔައި، އެ އިދާރާއިން އާންމު ކުރި ބަޔާނެއްގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 5.2 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.