English Edition
Dhivehi Edition

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލަ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ނިންމައިފި އެވެ.

ބްރޯޑްކޮމް އިން އިއްޔެ ކުރި ޓުވިޓެއްގައި ބުނީ މި މަހުގެ 05 ވަނަ ދުވަހުގެރޭ “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަމަށްވެސް އެ ޓުވިޓްގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށްވެސް އެ ކޮމިޝަނުންވަނީ ނަސޭހަތްތެރިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ބްރޯޑްކޮމް އިން ބަލަމުންދަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ގުޅުވައިގެން އެ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކެއްގެ މައްސަލައެވެ. ޕީޖީ ޝަމީމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފަސް ލައްކަ ޑޮލަރު ލިބިފައިވާ ކަމަށް ބުނެ އޭނާއަށް ވަގަށް ގޮވާފައިވާއިރު، ކުޑަކުއްޖަކާއި ގުޅުވައިގެންވެސް އޭނާގެ މައްޗަށް ތުހުމަތުތަކެއް އެ ޕްރޮގްރާމްގައިވަނީ ކޮށްފައެވެ.

މީގެ ކުރިންވެސް ބްރޯޑްކޮމް އިން ވަނީ ހަޖަމް ޕްރޮގްރާމްގެ ޕްރެޒެންޓަރުން ގެންގުޅޭ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް ނަސޭހަތްތެރިވެފައެވެ.