English Edition
Dhivehi Edition

 

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ރާޢްޖޭގެ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެހެންކަމުން އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމުގައި ހާމަކޮށް ޓުވީޓް ކުރައްވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން މީހަކު ގޮވާލީ ބުރާސްފަތި ދުވަހު މެންދުރު 1 ޖެހިއިރު “ރައްޔިތުންގެ އަޑު” ގެ ނަމުގައި ޗެނަލް 13 އިން ވަގުތުން ފޮނުވި ޕްރޮގްރާމެއްގެތެރެއިންނެވެ. މިމައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް މިކަން ކުށްވެރިކޮށް އެތައް ބަޔަކުދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން މިހާރުވަނީ މަޢާފަށް އެދި ބަޔާނެއް ނެރެފައެވެ. އޭގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށާއި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް13 އިން ވަނީ މައާފަށް އެދިފައެވެ. މީގެ އިތުރުން އެ ޗެނަލުން ބުނީ، ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ޚިލާފު ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ސްޓޭޝަނަށް ބެލުންތެރިން ކުރާ އިތުބާރާއި ދެމުންދާ އެއްބާރުން ޗެނަލް13 އިން ވަނީ ފާހަގަކޮށްފައެވެ.