English Edition
Dhivehi Edition
5 މަސް ކުރިން
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

އެއްވެސް އިންސާނެއްގެ ފުރާނައަށް ގެއްލުން ދިނުމަކީ ތާޢީދުކުރާނެ ކަމެއް ނޫން ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުނެފައެވެ.

ޑީއާރުޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ގޮވާލައި ޗެނަލް 13ގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

Advt

Advertisement

“އެއްވެސް އިންސާނެއްގެ ފުރާނައަށް، ޖާނަށް ނުވަތަ މާލަށް ގެއްލުމެއް ދިނުމަކީ އެއްވެސް ހާލެއްގައި މި ޕާޓީން ތާއީދުކުރާނެ ކަމެއް ނޫން”، އެ ޓްވީޓްގައި ޑީއާރުޕީން ބުނެފައި ވެއެވެ.

މީގެ އިތުރުން ޑީއާރުޕީން ބުނީ އެފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް ގޮވާލައިފަ އެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބަލައި، ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައިފަ އެވެ.

ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން މީހަކު ގޮވާލީ ބުރާސްފަތި ދުވަހު މެންދުރު 1:00 ޖެހިއިރު “ރައްޔިތުންގެ އަޑު” ގެ ނަމުގައި ޗެނަލް 13 އިން ވަގުތުން ފޮނުވި ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެ މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް މިކަން ކުށްވެރިކޮށް އެތައް ބަޔަކުދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ފުލުހުން ވަނީ މިހާރު އެ މައްސަލައާއި ގުޅިގެން އެ މީހާ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ޗެނަލް 13 އިން ވަނީ މަޢާފަށް އެދި ބަޔާނެއް ނެރެފައެވެ. އޭގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ޞާލިޙަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށާއި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް 13 އިން ވަނީ މައާފަށް އެދިފައެވެ. މީގެ އިތުރުން އެ ޗެނަލުން ބުނީ، ޗެނަލް 13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ޚިލާފު ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ސްޓޭޝަނަށް ބެލުންތެރިން ކުރާ އިތުބާރާއި ދެމުންދާ އެއްބާރުން ޗެނަލް 13 އިން ވަނީ ފާހަގަކޮށްފައެވެ.