English Edition
Dhivehi Edition
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފި އެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމް އިން މިއަދު އެ ޗެނަލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ “ހަޖަމު” ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް މި ކޮމިޝަނަށް ފާހަގަކުރެވި އަދި މީސްމީޑިއާ މެދެވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް މިކަން އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށާ އަދި ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެދި ބްރޯޑްކޮމް އިން ވަނީ ޗެނަލް 13 އަށް ނަސޭޙަތްތެރިވެފަ އެވެ.

އަދި އެ މިންގަނޑާ ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކޮމްގެ ސިޓީގައި ބުނެފައި ވެއެވެ.