English Edition
Dhivehi Edition

“މިނިވަން ކަމުގެ ދިފާއުގައި ދިވެހިން”ގެ ނަމުގައި ޕީޕީއެމުން އިފްތިތާހުކުރި ގައުމީ ހަރަކާތުގައި ހުރިހާ ދިވެހިންވެސް ބައިވެރިވުމަށް މާލެ ސިޓީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ރޭގެ ހަފްލާގައި ވާހަކަދައްކަމުން ޑރ.މުއިއްޒު ވިދާޅުވީ މިއީ ހުރިހާ ރައްޔިތުންވެސް ސިޔާސީ ވިސްނުމާއި ފިކުރު އެއްފަރާތް ކުރުމަށްފަހު ގައުމުގެ ހާލަތާއިމެދު ވިސްނަން ޖެހޭ ވަގުތު ކަމަށެވެ. މުއިއްޒު ވިދާޅުވީ ގައުމުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތުން ބީވެ ހިނގައްޖެކަމަށާއި ގައުމުގެ ހާލަތާއިމެދު ވިސްނާ ފިކުރު ހިންގާ ކޮންމެ ރައްޔިތަކަށްވެސް އެއީ ތެދެއްކަން އެނގިގެން ދާނެކަމަށެވެ.

ގައުމުގެ މިނިވަންކަން އަތުން ބީވެގެން ދިއުމުގެ ކުރިން ލޯ ހުޅުވާ، ގައުމު ދެކެ ލޯބިވާ ބައެއްކަން ސާބިތު ކޮށްދޭން އެބަ ޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މިހާރު ހިނގަމުން މި އަންނަ ކަންކަމާ މެދު އަޅާނުލާ ތިބެއްޖެ ނަމަ އަމިއްލަ އަތުން އެ ހަލާކު ކޮށްލެވެނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ކަމަށެވެ.
ރާއްޖޭގެ މިނިވަންކަން އެކިއެކި ނަންނަމުގައި ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި އެހެންކަމުން މި ގައުމު ސަލާމަތުގެ އައްސޭރި އަކަށް ގެންދަން ބޭނުންވާ ކޮންމެ ރައްޔިތަކުވެސް މި ހަރަކާތުގައި ބައިވެރިވާން އެދޭކަމަށެވެ.