English Edition
Dhivehi Edition
ޑރ.މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން “ހަފްތާ 14” މިރޭ އިފްތިތާހުކޮށްފިއެވެ.

ހަފްތާ 14 އަކީ 100 ދުވަސް 14 ހަފުތާއަށް ބެހިގެންދާތީ، ޑރ. މުއިއްޒުގެ 100 ދުވަހުގެ ޕްލޭނަށް އެ މަނިކުފާނުގެ ސަރުކާރުގެ އެޑްމިނިސްޓްރޭޝަނުން ދީފައިވާ ނަމެކެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ޑރ.މުއިއްޒު ހަފްތާ 14 އިފްތިތާހުކޮށްދެއްވާފައިވާއިރު އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގާއިމުކުރި ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާފަދަ ނުކުތާތަކެއް ހުރި ނަމަ އުވާލުމުގެ މަސައްކަތްތައް ކުރުމަށްވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމުގެ މަސައްކަތަކީ ވެސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. އަދި ރާއްޖޭގެ މިސްކިތްތަކުގެ އާބާރުތަ ފިލުވުމުގެ ގޮތުން މިހާރަށްވުރެ ތިން ގުނަ އިތުރަށް ހަރަދުކުރުމާ އަދި މެދު ނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ހިމަނާފައެވެ.

އިތުރަށް މި ޕްލޭނުގައިވާ ގޮތުން އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހި ތާރީހަށް ކުދިން އަހުލުވެރިކުރުވުމުގެ ގޮތުން ސުކޫލުތަކުގައި އެކަމަށް ހާއްސަ ޕްރޮގްރާމްތައްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.