English Edition
Dhivehi Edition

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު އޮންނާނެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ތަޤުރީރު ކުރައްވާނެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެއެވެ.