ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ‘މިނިވަން ކަމުގެ ދިފާއުގައި ދިވެހިން’ މި ނަމުގައި ގައުމީ ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.
ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
މި ހަފްލާގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ރޭ ފެށިގެން ދިޔަ މި ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއްކަމަށެވެ.
ޕީޕީއެމްގެ މޮޓޯ އަކީ އެންމެ ފުރަތަމަ ގައުމު ކަން ފާހަގަކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމުން އަބަދުވެސް އެންމެ ފުރަތަމަ އިސްކުރާނީ ގައުމުކަމަށެވެ. އަދި މި ވަގުތަކީ އެހެން ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ޕާޓީން އިސްވެ ފަށަން ޖެހޭ ވަގުތު ކަމުގައި ރައީސް ޔާމީން ވިދާޅުވިކަމަށް އިބްދުއްރަހީމްވަނީ ހާމަކޮށްފައެވެ.
ރޭ އިފްތިތާހު ކުރި ގައުމީ ކެމްޕެއިންގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.