ސަރުކާރު ހިންގާ ޕާޓީ ތެރެއިން ރައީސްކަމަށް ޝައުގު ހުންނަ ކެންޑިޑޭޓުން ނުކުމެ ސަރުކާރު ބަދުނާމު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފެންނަ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
“ސަންގު ޓީވީ” ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ވެސް ވާދަވެރިކަން އޮންނަން ވާނެކަމަށެވެ. އެކަމަކު އެމްޑީޕީ ސަރުކާރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބަށް ވާދަވެރިކަން ނަގަން އުޅުމަކީ އެ ޕާޓީ ހަލާކު ވެދާނެ ކަމެކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. ރޮޒެއިނާ ވިދާޅުވީ ސަރުކާރު ނިމެން ގާތް ނުވަނީސް އަދި އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ ހުންނަވަނިކޮށް، ރިޔާސީ އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިގެން ޕާޓީގެ އެތެރެއިން ބަޔަކު މަސައްކަތް ފަށައިގެން އުޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
އިތުރަށް ރޮޒެއިނާ ވިދާޅުވީ ޕްރައިމަރީއެއް ބާއްވާނަމަ އެ ޕްރައިމަރީއަކަށް ކުރިމަތި ލުމުގެ ވަގުތު ވެސް އަންނާނެކަމަށާއި އެ ކަމެއްގެ ވަގުތު ނައިސް ޕާޓީ ތެރެއިން އެ ކަމަށް ޝައުގު ހުންނަ ކެންޑިޑޭޓުން ނުކުމެ ސަރުކާރު ބަދުނާމު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފެންނަ ކަމެއް ނޫންކަމެށެވެ.
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވާފައިވާއިރު އިންތިހާބުގައި ވާދަކުރުމާއި ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.