English Edition
Dhivehi Edition
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ތެރެއިން: ފޮޓޯ އީސީ

އިއްޔެ ބޭއްވި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 72 ޕަސަންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އާންމުކުރި ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އީސީގެ އޮފީހުން ބުނީ ރޭ ދަންވަރުގެ ނިޔަލަށް ގުނުނު ފޮށިތަކުން 214،898 މީހުން ވޯޓުލާފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.88 ޕަސަންޓެވެ.

އިއްޔެ ހެނދުނު 8:00 ގައި ވޯޓުލުން ފަށައި، ފުރަތަމަ ނިންމަން އޮތީ ހަވީރު 4:00 އަށެވެ. ނަމަވެސް އެ ވަގުތު ހަމަވިއިރު ވޯޓުލާފައިވަނީ 62.98 ޕަސަންޓު މީހުން ކަމަށްވާތީ އާއި، މަރުކަޒުތަކުގައި ކިއޫ ބޮޑުވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާ ވަގުތު 5:00 އާ ހަމައަށް އިތުރުކޮށްފަ އެވެ. ކިއޫތައް ބަންދުކުރި ނަމަވެސް، ހުރިހާ ފޮއްޓެއްގެ ވޯޓުލުން އެއްކޮށް ނިމި ފޮށިތައް ބަންދުކުރެވުނީ ރޭ 10:30 އެހާކަންހާއިރު އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު، 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބާ އަޅާބަލާއިރު 5 ޕަސަންޓު އިތުރެވެ. މި އިންތިހާބުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ހޯދާފައިވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް “ނޫނެކޭ” ބުނެފަ އެވެ.