އެމްޑީޕީ ދޫކޮށް ދިޔަކަން ގަބޫލުކުރާކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ކަންކަން އިސްލާހުކޮށް ތަރައްގީ ގެނައުމަށް އެންމެ އެކަށީގެންވާ ޕާޓީ އަކީ އެމްޑީޕީ ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.
މިހާރު އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި، އެ މަނިކުފާނަށް ތާއިދުކުރާ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި މުއައްސަސާއެއް ކަމަށެވެ.
މި ބައްދަލުވުމުގައި ނަޝީދުވަނީ އިސްލާހުގެ މަގަށް މަސައްކަތް ކުރުމަށް ސަރުކާރުން މަޝްވަރާއަށް އައުމަށް އަނެއްކާވެސް ގޮވާލައްވާފައެވެ. ސަރުކާރުގެ ހިންގުމާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ މިއީ ބަދަލު ކުރަން ޖެހޭ ވެރިކަމެއްކަން ރައްޔިތުން ދެކޭ ކަމަށެވެ.
އެމްޑީޕީއަށް ވަޑައިގެން ހުންނެވީ ކަންކަން އިސްލާހު ކުރެވޭނެ ޕާޓީއަކީ އެމްޑީޕީއަށް ވާތީ ކަމަށާއި އެ މަސައްކަތަށް އަބަދުވެސް އެންމެ ރަނގަޅީ އެމްޑީޕީކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކާމިޔާބުކޮށް، ރައްޔިތުން އެދޭ މިސްރާބަށް ގައުމު ގެންގޮސްދެވޭނެ ހަމައެކަނި ޕާޓީއަކީވެސް އެމްޑީޕީ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.