English Edition
Dhivehi Edition

ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނައިރު ނުތިބެވޭނެ ކަމަށް ރޮޒައިނާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނޭ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީ ސަރުކާރުގައި ގޯތި ދީފައިވާ މީހުން އަތުން ގޯތި އަތު ނުލާނެކަމުގެ ޔަޤީންކަން މިސަރުކާރުން ވަނީ ދީފައިވީނަމަވެސް ގޯތި ދީފައިވަނީ އެއްވެސް ޕްލޭނެއް ނެތި، ގޮޅި ޖަހާލައިގެންކަމަށް މިސަރުކާރުގެ ހައުސިންމިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދޭން ނިންމާފައިވަނީ އެއްވެސް ޚިދުމަތަކަށް ޖާގަ ނުދީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުން ރައްޔިތުންނަށް ދަތިވާނެތީ އެ ޚިދުމަތްތައް ދިނުމަށް ޖާގަ ކަނޑައަޅާނެ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް ލިބިފައިވާ ގޯތި އެ އެލިބުނު ރަށަކުން އެ ބޮޑުމިނުގައި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ލިބުނު ޕްލޮޓު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ފްލެޓު ލިބުނު މީހުންގެ ލިސްޓަށް 7000 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމާއެކު ފްލެޓު ދިނުން އޭސީސީން ވަނީ މަޑުޖައްސުވާލާފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާއެކު ފްލެޓު ލިސްޓު އަލުން މުރާޖައާ ކުރައްވާނެކަމަށެވެ. އަދި ފްލެޓު ލިބޭނީ އޭގެ އެންމެ ހައްގުވެރިންނަށްކަމަށް ވިދާޅުވެފައިވެއެވެ.