މާފުށީ ޖަލުގައި މަރުވި ށ. ފުނަދޫ ޒަމާނީވިލާ މުޙައްމަދު ޖަމީލާމެދު ޖަލުގައި ކަންކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ވެރިކަން 3 އަހަރުގެ މުއްދަތަށް ކުރައްވާފައިވާ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި ހުއްޓާ ޖަމީލު ނިޔާވި މައްސަލަ އަކީ ނުހަނު ބޮޑު ކަންބޮޑުވުން އޮތް މައްސަލައެއްކަމަށާއި އެހެންކަމުން އެމައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.
“ޖަލުގައި މަރުވި ގައިދީ ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލުގެ މައްސަލަ އަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް އޮތްކަމެއް. އެކަން ވީގޮތް ފުރިހަމައަށް ތަހުގީގު ކުރަންޖެހޭ،” ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިކަމާބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރެކްޝަނުން ބުނީ ޖަމީލް މަރުވެފައިވާކަން އެނގުނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ފަހުން ކަމަށެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމަށާއި އޭނާގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް 12:45 ހާއިރު މަރުކަޒުން ކަނޑައެޅި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ފަހުން ޖަލުގައި ހުރި ސީސީޓީވީ ފުޓޭޖު ބެލިބެލުމުން ޖަމީލު މަރުވެފައިވަނީ ނަމާދަށް ސަޖިދައިގައި އޮއްވާކަން ވަނީ ހާމަވެފައެވެ. ކަރެކްޝަނާއި ފުލުހުންނާއި ހޯމް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވީޑިއޯ ފުޓޭޖް ވަނީ އާންމުކޮށްފައެވެ.
ޖަމީލް މަރުވި ފަހުން އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ބަޔަކު ވަނީ އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މުޙައްމަދު ޖަމީލުގެ ހަށިގަނޑުން ނިޝާންތަކެއް ފެނުނު ނަމަވެސް، އެއީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ އެ ނިޝާންތަކަކީ މަރުވުމަށް ފަހު އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އޭނާ ގިނައިރު ވަންދެން ސަޖިދައިގައި އޮތުމުން ފެންނަން ހުރި ނިޝާންތައް ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ.
ޖަމީލަށް ޖަލުގައި އަނިޔާކުރި ކަމަށް ތުހުމަތުކުރަމުންދާތީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އާއިލާ އިން ހުއްދަ ނުދިނުމުން ޖަމީލުގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.