ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދާއިއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2023ގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާއި އެ މަނިކުފާނު މިނިވަންނުވާހާ ހިދަކު ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް ޣައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެންނެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށެވެ. އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންއަށް ހަމައެކަނި އިންތިހާބުގައި ވާދަކުރަން ޖަލުން މިނިވަން ކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން، ރައްޔިތުންގެ ލޯތްބާއެކު ﷲ ގެ އިރާދަފުޅުން 2023 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށެވެ.
PPM ge gadha masahkathun, rayyithunge loibbaaieku, Keerithi Allah ge Iraadhafulhun 2023 ga Raees Yameen verikamah vadaigannavaanee insaafuveri isthiunaafakun mausoomkan saabithuvegen. #FreePresidentYameenNow
— Mohamed Ghassan Maumoon (@mgmaumoon) July 26, 2021