މިއަދަކީ ދިވެހި މިނިވަންކަން ދިފާޢުކުރުމަށް ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން މުޅި ދުނިޔެއަށް ދައްކަންވީ ވަގުތުކަމަށް ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްެކެވި ވާހަކަފުޅުގައި ވަޒީރު ޣައްސާން ވިދާޅުވީ އަހަރުތައް ފާއިތުވެގެން ދިޔައިރު ފަނޑުވަމުން އައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މި ސަރުކާރުން މިވަނީ ފަށާފައިކަމަށެވެ.
ޣައްސާން ވިދާޅުވީ ނޮވެބަރު3ގެ އުދުވާނީ ޙަމަލާ ވެގެންދިޔައީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރަން ޖެހިފައިވާކަމުގެ ރަނގަބީލަށްކަމަށެވެ. އޭރުން ފެށިގެން 20 އަހަރެއްހާ މުއްދަތަށްފަހު، ދެން އައި 15 ވަރަކަށް އަހަރު އެކަމަށް ދެމުންއައި ސަމާލުކަން ކުޑަވެފައި އޮތުމަށްފަހުން، އަލުން މި ދާއިރާއިން އަނެއްކާވެސް މަސައްކަތްތައް ފެއްޓެވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުން ފެށިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ނޮވްމެބަރު 3ގެ އުދުވާނީ ހަމަލާއިން ނަސްްރު ހޯދުމުގައި ޝަހީދު ޙުސައިން އާދަމް ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
“ދިވެހި ރައްޔިތުންނަށް މިރޭ އަޅުގަނޑު ދޭ ޔަގީންކަމަކީ ދިވެހި އަސްކަރިއްޔާ ދެމިއޮތްހާ ހިނދަކު މި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤްލާލު ޙިމާޔަތްކުރުމަށް، ސިފައިންގެ ހުވާގައި ވާގޮތަށް ލެޔާ ފުރާނައިން ޤުރުބާންވާނެކަމުގެ ޔަގީންކަން.”
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަަނަ ދުވަހު ދިވެހި ހަ ހާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ މިއަހަރުގެ ނަސްރުގެ ދުވަހުގައި ވަނީ ގައުމީ ޖޯޝާއި ފޯރި ދައްކުވައިދިން އެތައް ހަރަކާތެއް ބާއްވައިފައެވެ. ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދިނުމަށް ޝަހީދުން ކުރެއްވި ޖިހާދުގެ މަތިވެރި ހަނދާންތައް އައުކުރުވާކަހަލަ ގިނަ ކަންތައްތަކެއް ކުރިއަށް ގެންގޮސްފައެވެ.