English Edition
Dhivehi Edition
ދާންދޫގައި އިއްޔެ ކުރިއަށްދިޔަ މުޒާހަރާ

އީދު ކުޅިވަރުތަކުގެ ތެރެއިން، ގއ ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބް ރައީސާ އަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން އެ ރަށުގައި މުޒާހަރާކޮށްފިއެވެ.

އިއްޔެ ދާންދޫގައި ކުރިއަށް ދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު އެމީހުން ވަނީ ނައިބް ރައީސާ މުޒައިނާ މުހުތާރު އަށް އަނިޔާދިން ފިރިހެން މީހާ ހައްޔަރުކޮށް މުޒައިނާ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި މި މައްސަލަ އަވަހަށް ބެލުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މި މުޒާހަރާގެ ބައިވެރިންވަނީ ގޮވާާފައެވެ.

ގއ ދާންދޫގައި އީދު ކުޅިވަރު ކުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިނގާފައިވަނީ މުޒައިނާ، އެ ރަށު ފިރިހެނެއް ގައިގައި ކުލަ އުގުޅުމުން އޭނާ ރުޅި އައިސްގެން މުޒައިނާއަށް އަނިޔާކުރުމާއި ގުޅިގެންނެވެ، މި ގޮތުން އެ ފިރިހެން މީހާ މުޒައިނާގެ ގައިގައި ކޮފީ ތަށިން ޖަހާ، ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމައި އަނިޔާކޮށްފައިވާއިރު އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މުޒައިނާގެ ފަރާތުން މި މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާއިރު އަނިޔާކުރި ފިރިހެންމީހާ ހައްޔަރުކުރުމަށްފަހު، ދޫކޮށްލާފައިވާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މިކަމާއި ގުޅިގެން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގއ ދާންދޫގައި އީދު ކުޅިވަރު ކުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރިއެއް ހިންގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ، އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ދާންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ އަށް ހަމަލާދީފި