English Edition
Dhivehi Edition

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި ޒާތީ މައުލޫމާތަށް އެ ޚިދުމަތުން މިރޭ މައާފަށް އެދިއްޖެއެވެ.

އިއްޔެ ބޭއްވި ޕްރެސްއާ ގުޅިގެން މިރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައިގެ ތަހުގީގާ ގުޅުން ހުރި ތަފްސީލީ މައުލޫމާތުތަކެއް ދީފައި ވަނީ އެ ޚިދުމަތުން ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ވިފާގުގެ އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޕްރޮގްރާމެއް ދައްކާފައި ވުމުން ކަމަށެވެ.

ދެކުނުގެ ރަށަކަށް ނިސްބަތްވާ 25 އަހަރުގެ ކުއްޖާ މިދިޔަ އޮގަސްޓް 14 ގައި މަރުވީ މާފަންނު ގެއެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓިގެންނެވެ. މި މަރާ އެކު، އެ ކުއްޖާ ފަރުވާ ހޯދަމުން ދިޔަ ބަލީގެ ތަފްސީލުތަކާ އެކު ޒާތީ ގިނަ މައުލޫމާތުތަކެއް އާއްމުވާ ގޮތަށް ޗެނަލް 13 އިން ވަނީ ޕްރޮގްރާމެއް ގެނެސްފަ އެވެ. އޭގައި، އަންހެން ކުއްޖާގެ ދޮން ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އެ ނިއުސް ކޮންފަރެންސްގައި، މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު، އަންހެން ކުއްޖާގެ ޒާތީ ވަރަށް ގިނަ މައުލޫމާތު ދެއްވި އެވެ. ޝިފާއު ވިދާޅުވެފައި ވަނީ މި މަރުގެ މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. ކުއްޖާގެ ހަށިގަނޑުން ހަދަންޖެހޭ ޓެސްޓުތައް ފުލުހުން ހެދި ކަމަށާއި އެ ޓެސްޓްތަކުން އެ ފަދަ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ބައްދަލުވުމުގައި ޒާތީ މައުލޫމާތުތައް ހާމަކުރީ ވިފާގުގެ މަންމައާއި ބައްޕަ ހިމެނޭ ގޮތަށް އާއިލާއަށް ވެސް އެކަން އެނގިގެން ކަމަށާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫންގޮތުގައި ގެނެސް ދެވުނު ކަމަށް ގަބޫލު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންވެ، ފުލުހުން ވަނީ އެކަމަށް ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ.

ޗެނަލް 13 އިން ވަނީ އަންހެން ކުއްޖާގެ ޕްރޮގްރާމް ދެއްކުމުގެ ހަފުތާއެއް ކުރިން ސޯޝަލް މީޑިއާގައި ޓީޒާއެއް އާއްމުކޮށްފަ އެވެ. އެއާއެކު، އާއިލާގެ ފަރާތުން ފުލުހުންނަށް ފޮނުވި ސިޓީއާ އެކު، އެ އިދާރާއިން ވަނީ ބްރޯޑްކޮމް އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އެ ޕްރޮގްރާމް ދެއްކީ، އެ ކޮމިޝަންގެ އެންގުމާ ހިލާފަށެވެ.

 

ޓެގު