English Edition
Dhivehi Edition

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ބަދަލުކުރާނީ، ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ސަރަހައްދަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ހިތަދޫ ސްޓޭޑިއަމްގެ ދެކުނަށް އޮންނަ ބިމުން 40 ގޯތި ބަދަލުކުރަން ނިންމާފައިވާ އިރު، ބާކީ ހުރި ގޯތި ލިބިފައިވާ ކަމަށް ބެލެވޭ މީހުންގެ ގޯއްޗާ ގުޅޭ ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރުމުން، އެ ގޯތިތަކާ މެދު ފަހުން ގޮތެއް ނިންމާ، އަންގާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ މީހުންގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، އެ މީހުންނާ އެކު އެކަމާ މެދު މަޝްވަރާކުރުމަށް ނިންމާފައިވާކަމަށްވެސް ކައުންސިލުންވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މި މަހުގެ 12 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ، އައްޑޫގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާޢީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދެއް ކަމަށެވެ. އަދި މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމަށްވާތީ، އައްޑޫ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މި ސަރަހައްދުގައި އާއްމުވެގެންވާ މަންފާއަކަށް ބިން އެލޮކޭޓްކުރެވިފައި ނުވާތީއާއި، އަދި މި ސަރަހައްދު ތަރައްޤީކުރެވޭ އިރު ހޮސްޕިޓަލްގެ ބޭނުމަށާއި އާއްމު އެހެން ބޭނުންތަކަށް އިތުރަށް މި ސަރަހައްދުން ބިން ބޭނުންވާކަން ފާހަގަކުރެވިފައިވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

އެހެންކަމުން މި ސަރަހައްދުގައި ހުރި ބައެއް ބަންޑާރަ ބިންތައް ހިތަދޫގެ ބިން ރަނގަޅު އެހެން ސަރަހައްދަކަށް ޤާނޫނުގައިވާ ގޮތުގެމަތިން ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.