އައްޑޫ ސިޓީއިން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކުގެ މަސައްކަތް ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ،
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ އަވަށްތަކުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 05 އަހަރު ދުވަސްވީއިރުވެސް ގޯތީގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގިނަ ޢަދަދެއްގެ ގޯތިތައް ހުރުމާއި އެކު މިކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަންނަނީ ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެން ފަށާފައިނުވުމުގެ ސަބަބުން އެކިއެކި ނޭދެވޭ އަމަލުތައް އެތަންތާގައި ހިންގައި އޭގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ތަންތާގައި މަދިރި އާއި މީދާ ފަދަ ސޫފާސޫފި އާލާވެ އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވެ އާންމު ސިއްހަތައް ނުރައްކާވާކަމުގެ ޝަކުވާތައް އެ އިދާރާއަށް ތަކުރާރުކޮށް ލިބެމުންދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެއިތުރުން ގޯތި ހާވާލުކުރެވުނު ފަހުން ބައެއް ފަރާތްތަކުން ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައި ނުވާކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތަކުގެ އަދަދު:
އައްޑޫ ސިޓީ ކައުންސިލުން ވަނީ ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކާއި ގުޅޭގޮތުން އަމަލުކުރާނެ އުސޫލެއް އާންމުކޮށްފައިވާއިރު މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ގާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން
ދިވެހިރާއްޖޭގެ ބިމާއިބެހޭ ގާނުނުގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ އިން އެކުލަވާލާފައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދުގައި ބަންޑާރަ ގޯއްޗެއް ދޫކުރާ މުއްދަތުން ފެށިގެން 05 އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއް ގައި ދިރިއުޅެން ފަށާފައިނުވާ ނަމަ އެ ގޯއްޗެއް އެމީހެއްގެ ކިބައިން ވަކިވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ގޯތި ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުގައި ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެއްދުމަށް ގޯތީގެ ވެރިފަރާތުން ހުށަހަޅަންވާނެކަމުގައި ބަޔާންކުރެވިފައިވެއެވެ. އަދި މި މުއްދަތުގައި ރަޖިސްޓަރީ ކުރުމަށް ހުށައަޅާފައިނުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެކަމަށާއި މި ގޮތުގެމަތިން ޢަމަލު ނުކުރާ ފަރާތްތަކަށް ދޫކުރެވިފައިވާ ވަގުތީ ރަޖިސްޓަރީ އަދި ގޯތި ހަވާލުކުރެވުނު ކަމުގެ ލިޔުން ބާތިލުކޮށް އެފަރާތުގެ ކިބައިން ގޯތި ވަކިކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ.