އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީއާއި ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށް އަދި އެ ހޮސްޕިޓަލްގައި ވޫންޑް ކެއަރގެ މެނޭޖްމަންޓްގެ ޚިދުމަތް ފަށައިފިއެވެ.
ޕޭޝަންޓް ސޭފްޓީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ނެޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024ގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ކޮމިޓީ އިފްތިތާޙްކޮށްދެއްވަވައި ކޮމިޓީގެ މެންބަރުންނާ އެކަމުގެ “ޕިން” ހަވާލުކޮށްދެއްވެވީ ވެސް ސާޖިދާ އެވެ. 12 މެންބަރުން ހިމެނޭ މި ކޮމިޓީއަކީ، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޚިދުމަތާއި ގުޅިގެން ހުށައަޅާ މައްސަލަތައް ބަލާ މަޝްވަރާކޮށް ނިންމުންތައް ނިންމުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
“އެޑްވާންސް ވޫންޑް ކެއަރ މެނޭޖްމަންޓް” ފަރުވާގެ ނިޒާމު އިފްތިތާޙުކޮށްދެއްވީ އައްޑޫ އިކުއުޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އިބްރާޙިމް ޔާސިރު އަޙުމަދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމުގައި ވިދާޅުވެފައެވެ.
ޕޭޝަންޓް ސޭފްޓީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތްތައް ކުރިއަށްގެންދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ވޯލްޑް ހެލްތް އޮގަނައިޒޭޝަން ޑަބްލިއުއެޗްއޯ ގުޅިގެންނެވެ. މި ކޮންފަރެންސްގައި ޑަބްލިއުއެޗްއޯގެ ރެޕްރެސެންޓޭޓިވް ޑރ.ޕަޑްމަލް ޑި ސިލްވާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.