English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތުކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވަނީ ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ތިބި ޢުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިލްތިމާޒުކޮށްފައެވެ.

މީގެ އިތުރުން ރައީސް ވަނީ ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށްވާއިރު، ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް އިލްތިމާޒުކޮށްފައެވެ.އަދި ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ޤައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށްކަމަށް ރައީސް ވިދާޅުވިއެވެ.” އަޅުގަނޑުމެން މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން. ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުން” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ޙައްޖުގެ މަތިވެރި އަޅުކަމާއި އަޟްޙާ ޢީދުގެ އުފާވެރިކަމާ ދެމެދުގައިވާ ވަރުގަދަ ގުޅުމުން ޢިބްރަތް ޙާޞިލްކޮށް، ދިވެހި ޤައުމާއިގެން ކުރިއަށް ދިޔުމަށްޓަކައި، އެންމެން އެކުގައި، އެއް ޢަޒުމެއްގައި އަލުން މަސައްކަތްކުރުމަށްވަނީ އިލްތިމާޒްކޮށްފައެވެ.