ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ސަރުކާރަށް ގޮވާލައިފި އެވެ.
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން މިހެން ބުނެފައިވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް ނެރުނު ބަޔާނެއްގައެވެ.
އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަމަށެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބާއި 2019 ގެ މަޖިލީހުގެ އިންތިހާބުގާވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ވީ ނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުންކަމަށެވެ. އަދޮ އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު އެ ޕާޓީން ވެފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ،
މިބަޔާނުގައި ބުނެފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ ރޭވުންތެރިކަމާއިއެކު ،އެބޭފުޅުންނަކީ ވަކި ކަހަލަ ބައެއް ކަމަށް ތުހުމަތުކޮށް އެޅުވި ލޭބަލެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއި މެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އެ ބަޔާނުގައި ވަނީ ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ޒުވާނުންގެ ހިތްވަރުން ދެކޭކަމަށެވެ.
ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކޮށްގެން ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެމްޑީޕީ އިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެންކަމަށާއި, ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ޒުވާނުންގެ ހިތްވަރުން ގޮވާލާ ކަމަށެވެ.