English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފިއެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް އެ އެޖެންސީގެ ނަންބަރު 23-L/426/2021/16 (09 ޖުލައި 2021) ސިޓީން އަންގާފައިވާކަމަށެވެ. އެޗް.ޕީ.އޭ އިން ހިތަދޫ،މަރަދޫ،މަރަދޫފޭދޫ އަދި ފޭދޫ ގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ލުއިދިނުމަށް ނިންމާފައިވަނީ:

  1. އައްޑޫ ސިޓީ ހިތަދޫ އަވަށުގައި 2021 ޖުލައި 10 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް ހުއްދަދިނުން. މިސްކިތްތަކުގައި ޖަމާޢަތް ހެދުމުގައި ގައިދުރުކަން ބަހައްޓަންވާނެއެވެ.
  2. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހެނދުނު 08:00 އިން ހަވީރު 06:00 އެތެރޭގައި ތިބެ ކައުމުގެ ޚިދުމަތް ދިނުމަށް ހުއްދަދިނުން، އަދި މިފަދަ ތަންތަނަށް ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން.
  3. އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް 15:00 އިން 18:00 ގެ ނިޔަލަށް ކުޅިވަރު ކުޅޭ ތަންތަނުގައި ތިބެ ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުން. ނަމަވެސް ކުޅިވަރު މުބާރާތްތައް މަނާކޮށްފައި ބޭއްވުން.
  4. އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ލާޒިމްކޮށް، ހެނދުނު 08:00 އިން ހަވީރު 06:00 އަށް ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ހުޅުވުން.

އައްޑޫ ސީޓި ކައުންސިލުންވަނީ އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް އިލްތިމާޒުކޮށްފައެވެ.