ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ސިއްހީ ކާރިސާތަކާއި ބަލިމަޑުކަމުން ރައްކާތެރިވެ އަރައިގަތުމަށްޓަކައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ އދ. ގެ އާންމު މަޖިލީހުގެ ހައި-ލެވަލް ހަފުތާގެ ހަވާސާގައި، ބަލިމަޑުކަމުން ރައްކާތެރިވުމާއި އިޖާބަދިނުމާ ގުޅޭގޮތުން ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ.
ފޮރިން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު އެކަނި ވެސް ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ވަނީ ގެއްލިގެން ގޮސްފައެވެ. އަދި އޭގެ ސަބަބުން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދި ތަރައްގީގެ ކުރިއެރުންތައް އެތައް ތަނެއް ފަހަތަށް ސޮއްސައިލި ކަމަށާއި، ކުދި ގައުމުތަކަށް މާލީ އެހީތެރިކަމުގެ އިތުރުން ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފަސޭހައިން ލިބޭނެ ހަރުދަނާ ނިޒާމެއް އޮތުން ކޮންމެހެން މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ގައުމުތަކުގެ މެދުގައި ބަދަލުކުރުމުގެ އިތުރުން ބަލިތައް މޮނިޓަކުރާ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުމަކީ ކުރިމަގުގެ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ “ޕެންޑެމިކް އެގްރީމަންޓް” އަދި “އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)” އެއްބަސްވުންތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ވެސް އެކަމަނާ ބަޔާންކުރެއްވިއެވެ.
“ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމާއި ނިޒާމުތައް އެކަތިގަނޑަކަށް ގުޅިލާމެހިފައިވުމާއި ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ތައްޔާރީ ހާލަތު އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަންކަން،” މިނިސްޓަރު ވިދާޅުވިއެވެ.
އދ. ގެ މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި ސިއްހީ ދާއިރާއިން މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ދެނެގަތުމަށެވެ. އަދި ބަލިމަޑުކަން ފަދަ ކާރިސާތަކުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުރިހަމައަށް އިޖާބަދެވޭނެ ވަރުގަދަ ސިއްހީ ނިޒާމުތަކެއް ބިނާކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.