English Edition
Dhivehi Edition

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރާ ލިޔުންތަކުގެ ތެރޭގައި ދިވެހި ބަހުން ލިޔެފައިވާ ނަސާރާ ދީނުގެ ލިޔުންތައް ހިމެނޭކަމަށް ފާހަގަކުރެވިފައި ވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ބަހުން ލިޔެފައި ހުންނަ ނަޞާރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީ އުރައެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ތަފާތު މުވައްސަސާތަކާއި، ވިޔަފާރި ކުންފުނިތަކާއި، އަމިއްލަ ފަރުދުންނަށް މި ސިޓީ އުރަތައް އެޑްރެސްކޮށްފައިވާކަމަށް ކަސްޓަމުސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިޓީ އުރައަކަށް ލާފައި ފޮނުވާ މި ލިޔުންތަކަކީ، އެޑްރެސް ކޮށްފައި ހުންނަ ފަރާތްތަކަށްވެސް އެނގުމަކާ ނުލައި، އޮޅުވާލައިގެން ފޮނުވާ ލިޔުންތަކެއް ކަން ފާހަގަކުރެވިފައިވާކަމަށް ކަސްޓަމުސް އިން ވަނީ ބުނެފައެވެ.

ޣައިރު ދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތްތައް ރާއްޖެ ގެނައުމަކީ ގާނޫނީގޮތުން ކުށެއްކަމުގައިވާއިރު ކަސްޓަމްސް އިން ބުނީ މިފަދަ ލިޔުންތައް ރާއްޖެއަށް އެތެރެވިޔަނުދީ ހިފަހައްޓަމުން އަންނަ ކަމަށެވެ.އަދި މިފަދަ ލިޔުންތައް އެތެރެ ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މިކަން ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިންވަނީ ބުނެފައެވެ