ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މާފު ކުރާ މިންވަރު ބޮޑުކޮށްފިއެވެ.
ދަތުރުވެރިން ރާއްޖެ އަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާހަށްމިޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.
މި ގެނެވުނު އިސްލާހުގައި، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މަޢާފްކުރުމުގެ އިޚްތިޔާރުގެ ދަށުން، ދަތުރުވެރިންނާ އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އެލަވަންސް 6،000 ރުފިޔާއިން 10،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މި އިނާޔަތް ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށާއި އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށް ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވައެވެ.
މި ބަދަލާއިއެކު ދަތުރުވެރިންނާއި އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަސްޓަމުން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 10،000 ރުފިޔާ އަށްވުރެ ކުޑަނަމަ، ޑިއުޓީ ނެގުމަކާނުލާ އެތަކެތި ދޫކުރެވޭނެއެވެ. ނަމަވެސް، 10،000ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ ކަނޑައެޅިފައިވާ ގޮތުގެމަތީން ޑިއުޓީ ދައްކަންޖެހޭނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި، އެފަދައިން ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް ޑިއުޓީ ނަގާނީ، ޑިއުޓީދައްކަން ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 10،000 ރުފިޔާ އުނިކުރުމަށްފަހު ބާކީ ވާ އަދަދުންނެވެ.
މުދަލުގެ އަގު 10،000 ރުފިޔާއަށްވުރެ ކުޑަ ނަމަވެސް، އެތަކެތީގެ ބާވަތާއި ޢަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލައި، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ނުވަތަ ކޮމާޝަލް ކުއެންޓިޓީކަމަށް ބެލެވޭ ހާލަތުގައި އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިޢާޔަތްކުރުމެއް ނެތި ދޫކުރެވޭނެ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
ކުރީން ޑިއުޓީގެ އިނާޔަތް ދެމުން ގެންދިޔަ ބައެއް ބާވަތްތަކަށް މި އިސްލާޙާއެކު ޑިއުޓީގެ އިނާޔަތް ދިނުންވަނީ ހުއްޓާލާފައެވެ. އެގޮތުން
މީގެ އިތުރުން، ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިނގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދިނުން އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވޭނެ އެވެ. އަދި ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަމިއްލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެއްޗަށްވެސް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.