ކޮވިޑް19 އިން ރައްކާތެރިވުމަށް އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާކަމަށެވެ. މި ގޮތުން
- އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވަގުތަކީ ރޭގަނޑު 09:00 އިން ފަތިހު 04:00 ކަމުގައި ހަމަޖައްސައި، މިވަގުތު ތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
- މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން (ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް).
- ފިހާރަތަށް ހުޅުވައިގެން ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ޚިދުމަތްދިނުމަށް ހުއްދަދިނުން، އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީކުރުމަށް ފިހާރަތަކަށް ހުއްދަދިނުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ގާޑިޔާތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން. އަދި ކާފިއު ނޫން ވަގުތުތަކުގައި ޓޭކްއަވޭއަށް ހުއްދަދިނުން.
އައްޑޫ ސިޓީ ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި (މަރަދޫ،މަރަދޫފޭދޫ،ފޭދޫ) މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ، އެގޮތުން؛
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ގާޑިޔާތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް ޓެކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން.
- ފިހާރަތަށް ހުޅުވައިގެން ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ޚިދުމަތްދިނުމަށް ހުއްދަދިނުން، އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީކުރުމަށް ފިހާރަތަކަށް ހުއްދަދިނުން.
- މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް ހުއްދަދިނުން ހިމެނެއެވެ.