English Edition
Dhivehi Edition
އަބްދުﷲ ޝާހިދު: ފޮޓޯ ޕޮލިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މައްސަލައިގެ ބާވަތުން ސިއްރުކޮށްގެން ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފު ޝަރީއަތަށްފަހު މިއަދު އިއްވި ހުކުމްގައި ވަނީ، ކްރިމިނަލް ކޯޓުން ޝާހިދު ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން، ޝާހިދުގެ ފަރާތުން އެދުނު ގޮތަށް އެ އަމުރު ބާތިލުކޮށްދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު އެވެ. އޭނާ މިހާރު ހުންނެވީ ކްރިމިނަލް ކޯޓުން ދީފައިވާ 30 ދުވަހުގެ ބަންދުގެ މުއްދަތުގައި ޖަލުގައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި އެ ތުހުމަތުތައް ދޮގުކުރައްވައި ވިދާޅުވެފައިވަނީ، އެއީ އޭނާގެ ޝަހުސު ކަތިލުމަށްޓަކައި ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.