އުމުރުން ދުވަސްވީ މީހުންނަށް ވެސް ބޭންކުން ލޯނު ލިބޭނެ ގޮތް ހެދުމަށްޓަކައި، ލޯނު ދޫކުރާ އެންމެ މަތީ އުމުރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތިކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ރޭ ބައިވެރިވި އުމުރުން ދުވަސްވީ މީހަކު، ދުވަސްވީ މީހުންނަށް ލޯނު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މީހާ ބުނީ “މުސްކުޅި ވިޔަސް، ޒުވާން ވިޔަސް މަރުވާންވީމާ މަރުވާނެ” ކަމަށާއި ނަމަވެސް ދުވަސްވީ މީހުން ގެ މޯގޭޖްކޮށްގެން ލޯނު ނަގައިފި ނަމަ، ލޯނު ނުދެއްކޭ ހާލަތުގައި ބޭންކަށް އެ ގެ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުގެ ގޮތުގައި މިހާރު ކަނޑައަޅާފައި އޮންނަނީ 60 އަހަރެވެ. މި އުސޫލުގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ބޭންކުން ލޯނު ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރެ އެވެ.
މި ޝަކުވާއަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުރިއާ ބަލާއިރު ރާއްޖޭގެ އެވްރެޖް އުމުރު މިހާރު މަތިވެފައިވާ ކަމަށާއި އެހެންވެ ލޯނު ދޫކުރުމަށް 60 އަހަރު ކަނޑައަޅާފައި އޮތުމަކީ ދަށް އުމުރެއް ކަމަށެވެ.
“ހީވަނީ މިހާރު ބަދަލުތަކެއް ގެނެސްފައިހެން ވަނީ،” ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ލޯނު ދޫކުރާ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތިކުރުމަށް ބީއެމްއެލްގެ އިތުރުން ފިނޭންސް މިނިސްޓްރީގައި ވެސް ދަންނަވާފައިވާނެ ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.