އެލައިޑް އިންޝުއަރެންސްގެ ފަރާތުން ކުރިއަށްގެންދާ ގިވްއަވޭ ހަރަކާތުގައި ބައިވެރިވެގެން މުޅިން އާ އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެލައިޑުން ބުނީ މި އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ކަމަށްވާ “އެލައިޑް އައިފޯން ޑްރޮޕް 2” އިފްތިތާހުކޮށްފައިވާ ކަމަށެވެ. އަދި މި ކެމްޕޭން ކުރިއަށްދާނީ އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި ފުރަތަމަ އައިފޯން ޑްރޮޕަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ފެށި މި ހަރަކާތަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެލައިޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް އެލައިޑްގެ އިންސްޓަގްރާމް ޕޭޖު ފޮލޯކުރުމަށްފަހު، “އައިފޯން ޑްރޮޕް” ޕޯސްޓަށް ލައިކް ދީ، ކޮމެންޓް ސެކްޝަންގައި ތިން ރަހުމަތްތެރިއަކު ޓެގްކުރަން ޖެހެއެވެ. މީގެ އިތުރުން ފޯނު ލިބުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި އެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް @allied.mv ޓެގްކުރެވޭނެ ކަމަށާއި، ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން ރަހުމަތްތެރިން ޓެގްކޮށްގެން އެކަކަށް އެތައް ފަހަރަކު ބައިވެރިވެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.
ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ބައިވެރިވެވޭ މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 31 ޑިސެމްބަރު 2026 ގެ 23:59 އެވެ. އަދި ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީ 2027 ގައި އެލައިޑްގެ އިންސްޓަގްރާމް ޕޭޖުން ކުރިއަށްގެންދާ ލައިވް ގުރުއަތަކުންނެވެ.
މި ހަރަކާތުގެ ޓާމްސް އެންޑް ކޮންޑިޝަންސް އެލައިޑްގެ އިންސްޓަގްރާމް ޕޯސްޓުން ބަލައިލެވޭނެ ކަމަށާއި، މިއީ އިންސްޓަގްރާމް، މެޓާ ޕްލެޓްފޯމްސް ނުވަތަ އެޕަލް އިންކްގެ ބައިވެރިވުމެއް ނެތި އެލައިޑުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.