އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކުން ދިވެހި ރާއްޖެ ގުޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން ދެމުންދިޔަ ދަތުރުފަތުރުގެ ޙިދުމަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މިއަދު ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ މައި ބަސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ރާއްޖޭގެ ހުރިހާ ޕަބްލިކް ޓްރާންސްޕޯޓެއް އެއް ފުރާޅެއްގެ ދަށުންހިންގުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެމްޕީއެލު އިން ދެމުން އައި ހުރިހާ ޓްރާންސްޕޯޓު ހިދުމަތަކާއި އެ ހިދުމަތް ދޭން ތިބި މުވައްޒަފުން މިހާރު ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް އެމްޕީއެލް އިން ދެމުން އައި ޓްރާންސްޕޯޓް ހިދުމަތެއް މިއަދުން ފެށިގެން ފޯރުކޮށްދޭނީ އެމްޓީސީސީންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ އެންމެ ބޮޑު ޓްރާންސްޕޯޓު ނެޓްވޯކު އެ ކުންފުނީގެ ދަށުން ހިންގުމުގެ ފުރުސަތު ލިބުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.