އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކޮށްފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ އިއްޔެ މެންދުރު 14:00 އިން ރޭ 21:00 އަށެވެ.
މި އިންތިހާބު އާދަމް އާޒިމް ކާމިޔާބުކުރެއްވީ ރައްޔިތުންގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. އެގޮތުން އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މުހައްމަދު ފަލާހު އަށް ލިބުނީ 470 ވޯޓެވެ. އާދަމް އާޒިމްއަށް 1079 ވޯޓު ވަނީ ލިބިފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ ބައި އިލެކްޝަނަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ ދާއިރާގެ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިހާބެކެވެ.