English Edition
Dhivehi Edition

ދުނިޔޭގެ އެއްވެސް ބަޔަކަށް ތަސައްވަރުވެސް ކުރެވިފައި ނުވާ ކޮވިޑް19 އިގެ އާލަމީ ވަބާ ދުނިޔެއަށް ކުރިމަތިވީ ކުއްލިއަކަށެވެ. މި ބަލި މަޑުކަމާއެކު ދުނިޔޭގެ ހިނގުން ހުއްޓި ވިޔަފާރިތައް ބަގުރޫޓޫވެ، ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސް އިންސާނީ ދަރިފަސްކޮޅަށް ބޮޑު ނުރައްކާތެރިކަމެއް ކުރިމަތިވެގެން ދިޔައީ ވަރަށް ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. ބަލިން ރައްކާތެރިވުމަށް ދަތުރު ފަތުރު ހުއްޓާލުމުގެ އިތުރަށް ކޮންމެ ބަޔަކުވެސް އެމީހެއް ދިރިއުޅޭ ތަނެއްގައި ބަންދުވުން ވެގެން ދިޔައީ ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށް ނިކަމެތިކޮށްލި ވޭނަކަށެވެ.

ގައިދުރުކަން އިސްކޮށް ދިރިއުޅުމުގެ ވައްޓަފާޅީއަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު މި ބަލިމަޑުކަމުގައި އިންސާނާގެ އެންމެ ބޮޑު އެއް މަދަދުގާރަކަށް ވެގެން ދިޔައީ ސޯޝަލް މީޑިއާއެވެ. އަދިވެސް މި ބަލިމަޑިކަމުން އަރައިގަނެވިފައި ނުވާއިރު ‘ނިއު ނޯމަލް’ އަށް އިންސާނުން ހާނުވާލަދީ، ދުރު ގާތްކޮށްދިން ވަސީލަތަކީ ސޯޝަލް މީޑިއާއެވެ. އަބަދުވެސް ސޯޝަލް މީޑިއާގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ކެނޑިނޭޅި އިވެމުންދާ މި ޒަމާނުގައި، ސޯޝަލް މީޑިއާވެސް ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ އެއީ ހަމަ ރަގަޅު ވަސީލަތެއްކަން މި ވަނީ އެގިގެން ގޮސްފައެވެ. މި ބަލިމަޑުކަމުގެ ތެރެއިން އިންސާނުންނަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔައިރު، ސޯޝަލް މީޑިއާ ރަގަޅު ގޮތުގައި ބޭނުންކުރުމުގެ މުހިއްމުކަންވެސް މިވަނީ އެގިގެން ގޮސްފައެވެ،

  • ގައިދުރުކަން އިސްކޮށް، އެންމެން ގޭގައި މަޑުކުރަން ޖެހުނު ހިތްދަތި ދަނޑިވަޅު ދުރުގައިވާ އާއިލާ އާއި ރައްޓެހިންގެ ހާލު އެންމެ ރަގަޅަށް އެގިގެން ދިޔައީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގެ ސަބަބުންނެވެ. ވީޑިއޯކޯލުގެ ޒަރިއްޔާއިން ދުރު ގާތްވެގެން ދިޔައިރު، ކޮންމެ ދުވަހަކުވެސް ލޯބިވާ މީހުންގެ ހާލު ބަލާލުމަށް އެންމެ ގިނަ ބަޔަކު ބޭނުންކޮށްފައިވަނީ ސޯޝަލް މީޑިއާގެ އެކި އެކި ވަސީލަތްތަކެވެ.
  • ސޯޝަލް މީޑިއާ އަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާ ހާދިސާތަކުގެ މައުލޫމާތުވެސް އެންމެ ތާޒާކަމާއެކު ލިބިގެން ދާ ވަސީލަތެވެ. ކޮވިޑް19 ގެސަބަބުން ގޭގައި ތިބެން ޖެހުނުނަމަވެސް ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާ މުހިއްމު ހާދިސާތަކުގެ ފުރިހަމަ މައުލޫމާތު ލިބިގެން ދިޔައެވެ. ކޮވިޑް19 އާއި ގުދުރަތީ ކާރިސާތަކުގެ އެންމެ ފުރިހަމަ މައުލޫމާތުވެސް ލިބިގެން ދިޔައެވެ.
  • ކޮވިޑްގެ ސަބަބުން ވިޔަފާރިތައް ބަންދުކޮށް ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުނު ނަމަވެސް އޮންލައިންކޮށް މުދާ ޑެލިވަރީކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު ބޮޑު ލުއި ފަސޭހައެކެވެ. ގޭގައި ކެއްކުމަށް ބޭނުންކުރާ ސާމާނުން ފެށިގެން ކޮސްމެޓިކްސް އާއި އަންނައުނަކީވެސް އޮންލައިންކޮށް ގިނަ ބަޔަކު މި ދަތި އުދަގޫ ދުވަސްވަރު އޯޑަރުކުރި މުދާތަކެވެ.
  • ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް އެހީވުމާއި، އެމީހުންނަށް ބޭނުންވާ ބޭހާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ދަތި ދުވަސްވަރު ގިނަ ބަޔަކު ކޮށްފައިވާ މަސައްކަތްތެކެވެ.