އަބަދުވެސް ލޯބިވެރިޔާ ނޫނީ ހަޔާތުގެ ބައިވެރިޔާގެ ފޯނުގައި ހުންނަ އެއްޗިހި ބަލަން ބޭނުން ވެދާނެއެވެ. ސަބަބަކީ މިޒަމާނަކީ ސޯޝަލް މީޑިއާ މެދުވެރިވެ މުޅިދުނިޔޭގެ ހުރިހާ ހިސާބަކާވެސް ގުޅާލެވޭތީ ބައިވެރިޔާގެ އަމަލު ހުންނަ ގޮތްބަލާލުން ބޭނުން ވުމެވެ. ބައިވެރިޔާ ވާހަކަ ދައްކާފައި ހުންނަ މީހުންނާއި ސިއްރު ގުޅުމެއް އެހެން މީހަކާ އޮވޭތޯ ބެލުމަކީވެސް ކިތަންމެ އިތުބާރު ކުރިނަމަވެސް ކޮންމެވެސް ވަރަކަށް ކޮށްލެވޭ ކަންކަމެވެ. އެހެން ނަމަވެސް ބައިވެރިޔާ އަށް އަންގާނުލާ އަދި ހުއްދަނުހޯދާ އޭނަގެ ފޯނު ބެލުމަކީ އެދެވިގެން ވާނެކަމެއްބާވައެވެ؟
އެންމެފުރަތަމަ ކަމަކަށްވެސް ބައިވެރިޔާގެ ހުއްދައަކާ ނުލައި އޭނަގެ ފޯނު ބެލުމަކީ ޕްރައިވެސީ ގެއްލޭނެކަމެކެވެ. އެހެންކަމުން ބައިވެރިޔާގެ ފޯނު ސިއްރުން ބަލާވާހަކަ ބުނެލުމުން އޭނަ އެކަމާމެދު އަމަލު ކުރާގޮތް ބަލާލާށެވެ. އަދި ފޯނުން ބަލަން ބޭނުން ވެފައި ހުންނަ ހުރުމުން އެނގޭއެއްޗަކީ ބައިވެރިޔާއާއި އޮތްގުޅުމަކީ އެހާ ރަނގަޅުގުޅުމެއްނޫންކަން ހާމަވާ އެއްސަބަބެވެ.
މައްސަލަތައް ދިރާސާކުރާފަރާތް ތަކުން ބުނާގޮތުގައި އާންމުކޮށް ބައިވެރިޔާގެ ފޯނުބަލަން ބޭނުންވާނީ އެގުޅުމަކީ އެހާ އިތުބާރު ކުރެވޭ ގުޅުމަކަށް ނުވުމެވެ. އަދި ދެމީހުންގެ ދެމެދުގައި ދައްކަން ބޭނުންވާ ވަހަކަތައް ނުދެއްކެވުމާއި އެކަކު އަނެކަކަށް ދޭންބެނުންވާ ވަގުތު ނުދެވުމުގެ އިތުރުން ވާހަކަތައް އެންމެ އެދެވޭގޮތަށް ހިއްސާނުކުރެވުމެވެ. މިހެން ކަންކަން ދިމާވުމުނެ އެކަކު އަނެކަކަށް ކުރާއިތުބާރު ކުޑަވެއެވެ. ނަތީޖާއަކަށް ވަނީ ސިއްރުން ނަމަވެސް ފޯނުބަލައި ބައިވެރިޔާގެ އަމަލުތައް ހުންނަ ގޮތްޔަގީން ކުރަން ބޭނުން ވުމެވެ.
މިހާރަކަށް އައިސް ވަރަށް ގިނަ ބައިވެރިން އެކަކު އަނެކަކާ ފޯނުގެ ޕާސްވޯޑް ހިއްސާކޮށް ބޭނުން އިރަކު ފޯނުބަލާލަން ހުއްދަދެއެވެ. މިހެން ވާނީ ދެމީހުންގެ ދެމެދުގައިވެސް ހަރުދަނާ ވިސްނުމެއް ހުރެގެންނެވެ. އެހެން ނަމަވެސް ދެމީހުންގެ ފޯނުގައިވެސް ޕްރައިވެސީ ހައި ނަމަ މިގުޅުމަކީ މާ ހަރުދަނާ އިތުބާރުން ފުރިގެންވާ ގުޅުމެއް ކަމަށް އެކްސްޕާޓުން ބުނެއެވެ.
ބައިވެރިޔާގެ ފޯނު ބަލާލަން ބޭނުން ވާކޮންމެފަހަރަކު އެންމެ ރަނގަޅީ އަމިއްލަ ނަފްސާމި ސުވާލު ތައްކޮށްލުމެވެ. ކީއްވެގެން ތޯ ފޯނުބަލަން ބޭނުންވަނީ؟ ފޯނުބެލުމުން މިގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެތޯ؟ ފޯނުބަލައިގެން ތޯބައިވެރިޔާއަށް އިތުބާރު ކުރެވެން އޮތީ؟ އަދި ބައިވެރިޔާގެ ފޯނު ބަލާނީ ހުއްދަ ހޯދައިގެންތޯ ނުވަތަ ނޫންތޯ؟ މި ސުވާލުތައް އަމިއްލަ ނަފްސާ ކޮށްލުމުން ތިޔަ ގުޅުމަކީ ކިހައިވަރެއްގެ ގުޅުމެއްކަން އެނގިގެންދާނެއެވެ.
ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާ މާހިރުން ބުނަނީ، ދެމީހެއްގެ ދެމެދުގައިވާ ގުޅުމެއް ހަރުދާނާ ކޮށް ކުރިއަށް ގެންދެވޭނީ، ދިރިއުޅުމުގައި ކުށްހީކުރެވޭ ކަންކަމާ ބައިވެރިޔާ އާ ސުވާލުކޮށް އެކަންތައް އޮޅުންފިލުވާ އިތުބާރު ކުރިނަމަވެސް އިނގެން ބޭނުންވާ ބައެއްކަހަލަ ކަންކަން ނޭނގުމުން ސީދާ ބައިވެރިޔާ ކައިރިން އަހާ އޮޅުންފިލުވުމެވެ. މިހެން ހެދުމުން ސިއްރުން ފޯނު ނުބެލިޔަސް ބައިވެރިޔާ އާ އޮތްގުޅުން އެންމެ ރަނގަޅު ގޮތުގައި ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެއެވެ.