އިއްޔެ މުޅި ފޭސްބުކްއިން ފެނިގެން ދިޔައީ ގެންގުޅޭ ފޯނަކީ އޮރިޖިނަލް ފޯނެއްތޯ ބެލުމަށް “ކަމިން އައުޓް 2020” ޖެހުމުން އެ އަކުރުގެ ކުލަ ވިއްސާރަދޫނީގެ ކުލައަށް ބަދަލުވެފައިވާ ޕޯސްޓްތަކެވެ. މި ޗެލެންޖްގައި ގިނަ އަދަދެއްގެ ދިވެހިންވެސް ބައިވެރިވެފައިވާއިރު، އެންމެންވެސް ދިޔައީ އެމީހުން ގެންގުޅޭ ފޯނަކީ އޮރިޖިނަލް ފޯނެއްކަން ސާބިތުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ‘ކަމިން އައުޓް 2020′ ގެ ހަގީގަތް ބަލާލިއިރު މިއީ އަދި ދީނާވެސް މުޅިން ހިލާފް ޗެލެންޖެކެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ހިތްވަރުދިނުމާއި ޖިންސު ބަދަލުކުރުމަށް ހިންގާ މި ކެމްޕެއިން ގައި ގިނަ ބަޔަކު ޖެހިފައިވަނީ “ވާނުވާވެސް’ ނޭގިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހު، ނޭޝަނަލް ކަމިން އައުޓް ކެމްޕެއިން ބާއްވަމުން އަންނައިރު، މި ކެމްޕެއިން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ފާޅުކަން ބޮޑުކޮށް އެކަން ކުރުމަށް ހިތްވަރު ދިނުމެވެ. 1988 ވަނަ އަހަރުން ފެށިގެން މި ކެމްޕެއިންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް ޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުން ނުވަތަ ޖިންސު ބަދަލުކުރަން ބޭނުންވާ މީހުން ބައިވެރިވަމުން އަންނައިރު އެމީހުން އަންނަނީ މިފަދަ ގޮތްނޭގޭ ކެމްޕެއިންތަކުގެ ޒަރިއްޔާއިން އިތުރު މީހުންވެސް މި ދަންތުރައިގައި ޖެއްސުމަށް މަސައްކަތްކުރަމުންނެވެ.
ދިވެހިންގެ ތެރޭގައިވެސް މި ޗެލެންޖްގެ ހަގީގަތް ނޭގި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، މިފަދަ ޕޯސްޓްތައްކުރި ބައެއް ފަރާތްތަކުން މިހާރު ވަނީ އެމީހުންގެ ޕޯސްޓްތައް ޑިލީޓްވެސް ކޮށްލާފައެވެ. އފޭސްބުކްގައި ދައުރުވަމުން ދާ ޕޯސްޓާއި ބެހޭ ގޮތުން ގިނަ ދިވެހިން ނުރުހުންފާޅުކޮށްފައިވާއިރު، މިއީ ބޮޑު އޮޅުވާލުމެއްކަމުގައިވެސް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މީހުންނަށް އޮޅުވާލައިގެން މިފަދަ ކެމްޕެއިނެއް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެއް ޖިންސުންގުޅުން ހިންގުން މަނާކޮށްފައިވާ ގައުމުތަކުގައިވެސް، އެ މިނިވަންކަން ބޭނުންވާ މީހުން ތިބިކަން ދެއްކުންކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. ކޮންމެއަކަސް ދިވެހިންނަށްވެސް މިއޮތީ ނޭގިނަމަވެސް ބޮޑު ‘ލަނޑެއް’ ލިބިފައެވެ.
އިސްލާމްދީންގެ އަދުއްވުން، ކަނޑި ބަޑިން މުސްލިމުން ބަލިނުކުރެވޭނެ ކަން ޔަގީންވުމުން ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް ބަލިކުރުމަށެވެ. މިއީވެސް އެފަދަ ހަނގުރާމައެއްގެ ފެށުމެވެ. ފިކުރީ ހަނގުރާމަ ކުރެވެނީ ރޭވިފައިވާ ޕްލޭންތަކަކާ އެއްގޮތަށެވެ. މިއީވެސް އެފަދަ ޕްލޭނެއްގެ ދަށުން ދުރާލާ ރޭވިގެން ހިނގަމުން އަންކަމެކެވެ. ދުލާއި ޤަލަމާއި މީޑިއާގެ ތަފާތު ވަސީލަތްތަކުގެ އެހީއާއެކު މިރޭވުންތަކަށް ޢަމަލީ ސިފަގެންނަމުން އަންނައިރު މިއީ މުސްލިމުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ސޯޝާލް މީޑިއާއިން ފެންނަ މިފަދަ ކަންތައްތަކުގެ އަވައިގައި ޖެހުމުގެ ކުރިން އެކަމުގެ ހަގީގަތް އަމިއްލަ އަށް ހޯދަންޖެހެއެވެ.