އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއްގެ ނަމުގައި ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ޓްވީޓް ތަކަކީ ސައްޙަނޫން އެކައުންޓަކުން ކުރާ ޓްވީޓްތަކެއްކަމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ( އެޗްއާރުއެޗް) އިން ބުނެފިއެވެ.
މި މައްސަލައާއި ގުޅިގެން އެޗްއާރުއެޗް އިން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނިމިގެންދިޔަ ޖުލައި މަހުން ފެށިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ނަމުގައި ޓްވިޓަރ ގައި ދައުރުވަމުންދާ ޓްވީޓްތަކެއްގެ މައްސަލަ އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ބެލުމަށް ތަޙުގީގު ފެށިފައިވާ ކަަމަށެވެ.
“މިގޮތުން މިހާތަނަށް ކުރެވުނު ތަޙުގީގުތަކުން އެނގިފައިވާ ގޮތުގައި ދައުރުވަމުންދާ ޓްވީޓް ތަކަކީ މި ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ނަމުގައި ހަދާފައިވާ ސައްޙަ ނޫން ޓްވިޓަރ އެކައުންޓަކުން ކުރާ ޓްވީޓްތަކެއް” އެޗްއާރުއެޗްގެ ބަޔާނުގައި ވެއެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރ ޕްރަދީބް ކަޓްވަލްގެ ނަމުގައި ދައުރުވަމުންދާ އެކައުންޓުން ވަނީ ކުރީގެ ހެލްތް މިނިސްޓަރ އަދި އައިއެމްޑީސީގެ ހިއްސާދާރު ޑޮކްޓަރ މަރިޔަމް ޝަކީލާއާއި ވެސް އައްޑޫގެ ސިއްހީ ދާއިރާއާއި އަދި އައިއެމްޑީސީ އާއި ގުޅޭގޮތުން ނޭދެވޭ ބަހުރުވައިން ވާޙަކަ ދައްކާފައެވެ. މީގެ އިތުރުން ރާއްޖޭގެ ވަރަށް ވިސްނުން ހަނި “ނެރޯ މައިންޑެޑް” މީހުން ކަމަށް ބުނެ ވީހާ އަވަހަކަށް އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގެންދިއުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޓްވީޓްކޮށްފައެވެ. އަދި އިންޑިއާގެ ޑޮކްޓަރުންނާ ދޭތެރޭ ރާއްޖޭގެ މީހުން ކަންތައްތައް ކުރާ ގޮތާ ބެހޭގޮތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ހުތުރު ބަހުރުވައިން އެކަމަށް ވާހަކަ ދައްކާ ފައެވެ.
މި މައްސަލައާއި ގުޅޭގޮތުން ޑރ ޕްރަދީބް އޭނާގެ އަމިއްލަ އެކައުންޓުން ރޭ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެއީ އޭނާގެ އަމަލެއް ނޫންކަމަށާއި އެއީ ދިވެހިންނާއި ރާއްޖެ ދެކެވެސް ލޯބިވާ ޑޮކްޓަރެއް ކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލެއް ސޯޝަލްމީޑިއާގައި ހިންގާފައި ނުހުންނާނެ ކަމަށާއި އޭނާގެ ނަމުގައި ބަޔަކު އެކައުންޓެއް ހަދައިގެން ނަހަމަ ގޮތުގައި ބޭނުންކުރާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ލިޔެފައިވެއެވެ.